Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

"ވެރިކަމުގައި ހުރިއިރު ރައީސް އޮފީސް ތެރެއިން މައުލޫތުތައް ބޭރުކުރި"

"ދަވާލައިފި" ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: ފޮޓޯ - ސަން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވިއިރު މިހާރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ރައީސް އޮފީސް ތެރެއިން އެތައް މައުލޫމާތުތަކެއް ބޭރު ކުރި ކަމުގެ ތުހުމަތު ރައީސް ޔާމީން ކުރައްވައިފިއެވެ.

"މަވެސް ޕީޕީއެމް" މި ނަމުގައި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މިއަދު އިއްވާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެކޭ ބުނަމުން ދަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ނޫން ކަމަށެވެ. އެގޮތުން އެ ދައުވާއާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިވާ ތާރީހާ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ހިއްސާ ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ވަދެފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހާއި 15ވަނަ ދުވަހުގައި ކަމަށެވެ. އެ ދުވަސްވަރަކީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައިވާ ދުވަސްވަރު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މި ހުރިހާ މަސައްކަތެއް ރައީސް އޮފީހުގައި ކުރަމުން ދިޔައިރު އަޅުގަނޑު ދެނަހުރިން އެމީހުން އަޅުގަނޑަށް ފާރަވެރިވާކަން. ރައީސް އޮފީސް ތެރެއިންވެސް މައުލޫމާތު ގެންދާކަން އަޅުގަނޑަށް އެނގޭ. އެކަމަކު އެއީ އަޅުގަނޑަށް ބެލޭނެ ކަމެއްވެސް ނޫން އަދި ބަލަން ބޭނުންވެސްވި ކަމެއް ނޫން. އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ގާނޫނާއި ހިލާފު ކަމެއް ނުކުރާނެކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު މަގާމުން ވަކިވުމުން މައްސަލަ ފުލުހުންގެ އިދާރާއަށް ވައްދައިގެން މައްސަލަ ޝަރީއަތަށް ފޮނުވުމުން އެކަމާއި ސުވާލު އުފައްދާފައެވެ. އެގޮތުން މިއަދު އެމްޑީޕީ މީހުންނަށް އެމަނިކުފާނަށް އުފުލާފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވާނަމަ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އެ ދައުވާ ނުއުފުލީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

"މިއީ ހަމަ އާއްމު ސިކުނޑިން ވިސްނާލާ އެއަށްވުރެ އަޅުގަނޑު ފަލީހަތްވާނެ ކަމެއް ނޯންނާނެ. އަދި އޭރުން އަޅުގަނޑު ރިޔާސީ އިންތިހާބަށް ކުރަމުންދިޔަ އުއްމީދަށް މޮހޮރުޖެހި ކަފުންވެގެން ދިޔައީ ނޫންތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެކެވެ. އެއީ އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާތައް ޖަމާކުރި އެސްއޯއެފް ކުންފުނިން ދެ ފަހަރެއްގެ މަތިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މައްސަލައެކެވެ. އެ މައްސަލާގައި އެމަނިކުފާނަށް ހުކުމް އިއްވުން މި މަހުގެ 28ވަނަ ދުވަހު އޮންނާނެއެވެ.