ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން މަޖިލިސް ރައީސް ދައްކަވާ ވާހަކަތައް ތަހުގީގުކުރަންޖެހޭ ކަމަށާއި އެއީ ސީރިއަސް އިލްޒާމްތަކެއް ކަމަށެވ. އަދި އެއީ ނުރައްކާ ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށާއި ނަޝީދުގެ ވާހަކަތަކުން ގައުމީ ސަލާމަތަށްވެސް ނުރައްކާވެދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މީގެކުރިންވެސް ސިފައިންނަށް "މަނީ މަނީ ޔެސް ސާ" ކިޔައި ސިފައިންނާއި ފުލުހުންނާއި ފޮށި އެ މުއައްސަސާތަކުގެ ގަދަރަށް އަރައިގަތްފައިވާ ކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހި. ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި. މި އަމަލްތައް ތަކުރާރުވުމުގެ ފުރުޞަތު އެބައޮތް. މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫން،" ޖަމީލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުޑަކުދިންނާ މެދުގައި އަމަލު ކުރާނެ ގޮތާ މެދުގައި ދިވެހިންގެ ތެރެއަށް ވަކި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށާއި ދިވެހިންގެ ދިރިއުޅުމުގެ ގޮތް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް ކަމަށްވެސް ނަޝީދު ވިދާޅުވުމުންނެވެ.
"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަން ތިއްބަވާ ބޭފުޅުން، މި މައްސަލަތައް ނުބައްލަވާ ދޫކޮށްލައްވަނީ އެބޭފުޅުންއެ އަނެއް ފަލްސަފާއަށް ލެނބެން ފަށައި، އަނދިރި ދައުލަތަށް ބައިއަތު ހިފައިފި. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަން މިއަދު އެދެނީ ނަމަ މި ނިދިން އަޅުގަނޑުމެން ތެދުވާން ވެއްޖެ، ހޭލާން ވެއްޖެ" ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ގާނޫނުތައް ކޮންމެހެން ނުދެމެހެއްޓިޔަސް ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުންވެސް ދިވެހިންގެ ތެރޭގައި މިހާރު އެބަތިބި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިންގެ ވިސްނުމަށް އެފަދަ ބަދަލެއް އައީ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލުމުގެ ސަބަބުން ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.