Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

މީހުންނަށް ފާޑުނުކިޔާ އަމިއްލަ ނަފްސު އިސްލާހުކުރޭ: މައުމޫން

ކުރީގެ ރައީސް މައުމޫން -- ފޮޓޯ / ސަން

އެހެން މީހަކާއި ދިމާލަށް ފާޑުކިއުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިއްމު ކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސު އިސްލާހުކޮށްފި ނަމަ މުޅި މުޖުތަމައު އޮންނާނީ އިސްލާހުވެފައި ކަމަށެވެ. އަދި ވިދާޅުވީ މީހަކަށް ނަސޭހަތެއް ދޭނަމަވެސް އެކަން ކުރަންވާނީ މާތްﷲ އަންގަވާފައި ގޮތަށް ކަމަށެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވިއިރު ލ. ގަމުގައި ދާދިފަހުން ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޑރ.އިޔާޒު ވަޑައިގެން އިސްލާމް ދީނަށް ގޮވާލައްވަން ޖެހިވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް މި ގައުމުގައި އިސްލާމް ދީނަށް ދައުވަތު ދޭން ނުޖެހޭނެ ކަމަށާއި އިސްލާމް ދީނަށް އުޅުމުން، ރާއްޖެ ދާނީ ބިނާ ވަމުން ކަމަށްވެސް ނަޝީދު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ބޭފުޅުން ދައުވަތު އެ ދެއްވަނީ ހަނގުރާމަ އަށް ކަމަށާއި އަފަރާޝީމްގެ ރިޕޯޓުގައި ކިޔައި ދެނީ ހަނގުރާމަ އަށް ދައުވަތުދޭން ކަމަށެވެ. އަދި ރައްޔިތުންނަށް ދަންނަވަން އޮތީ މިކަމާއި ވިސްނެވުމަށް ކަމަށާއި، ރާއްޖެ ހަރާބުގެ މަގަށް ނުގެންދިއުމަށްވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން ޑރ. އިޔާޒު ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކިތަންމެ ކޯފާ ވިޔަސް ﷲ ގެ ދީން މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި ފަހު ނޭވާއާ ހަމައަށް ﷲ ގެ ރަހުމަތާއެކު ދެމިހުންނަވާނެ ކަމަށެވެ.