Last Updated: July 27, 17:18
Monday, July 27, 2026
ސިޔާސީ

ހަރުކަށި ފިކުރު ފެތުރިގެންދިޔައީ ދެހާހުގެ ކުރީކޮޅު: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންގެ މައްސަލަތައް ރާޢްޖޭގައި ފެތުރިގެންދިޔައީ 2006ވަނަ އަހަރާއި އަދި 2007 ވަނަ އަހަރުގައި ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް މިއަދު މަޖިލިހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށިކަން ފަހަނައަޅައި ދިޔުމުގެ މައްސަލައަށް ބަލާ ކަމުގައިވަނީނަމަ 2001 ވަނަ އަހަރުގައި ޕާކިސްތާނުން ރާއްޖެ މީހަކު ހައްޔަރުވިކަން ރާއްޖޭގެ ތާރީހުން އެންގެން އެބަހުރިކަމަށާއި އަދި 2002 ވަނަ އަހަރުގައި ހަމަ އެމީހާ ރާއްޖެ އައިސް ސީއެޗްއެސްސީއަށް އަމާޒުކޮށް އެތަނުން ކުދިންތަކެއް ނަގައިގެން އެ މަަސައްކަތް ފެށިގެން ދިޔަ ކަމަށެވެ. އަދި 2003 ވަނަ އަހަރު ބޭރުން ތައުލީމް ހާސިލް ކުރި މީހަކު ރާއްޖެ އައިސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި "އެކްސްޓްރީމިޒަމަށް" ގޮވާ ހެދި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އަދި މިކަންތައް އެންމެ ބޮޑުވެގެން ދިޔައީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އިސްލާމް ދީނުގައި ހައްދު ފަހަނައަޅައި ދިޔުމަކީ ހުއްދަ ކޮށްފައިވާ ކަމެއްނޫންކަމަށާއި ތުއްތު ކުދިންނަށް އަނިޔާވެރިވާ ގޮތައްކުރާ، ކައިވެނިތައްވެސް ބަލައިނުގަނެވޭނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް މިކަންކަން ހުއްޓުވުމުގެ މަސައްކަތްކުރަން ޖެހޭނެކަމަށާއި ޖަލަށްލެވޭ މީހުންނާއި ދޭތެރޭ މުއާމަލާތް ކުރެވޭނެ ގޮތާއި އެ މީހުންގެ އުޅުމަށް އަންނަ ބަދަލުތަކާއި ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.