ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ޑްރާފްޓް ކުރަން ފެށި ބިލްތަކުގެ ތެރެއިން ހަ ބިލެއްގެ މަސައްކަތް މުޅިން ނިމިފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ މި ދައުރަށް މަޖިލީހުން އަމާޒު ކުރީ 10 ބިލެއްގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އޭގެ ތެރެއިން ހަ ބިލެއްގެ އެކުލަވާލެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ގޮތުން މަޖިލީހުން ޑްރާފްޓްކޮށް ނިންމާފައިވާ ބިލްތަކަކީ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ވަޒީފާ ހޯދާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލާއި، ކަރަންޓުގެ ހިދުމަތުގެ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި، އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ބިލް، އަދި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މަޖިލީހުން ޑްރާފްޓް ކުރުމުގެ މަސައްކަތް ފެށި ބިލްތަކަކީ އެމްޑީޕީގެ "އެޖެންޑާ 19" ގައި ހިމެނޭ ބިލްތަކެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބިލް ޑްރާފްޓް ކުރާ ސަބް ކޮމިޓީގެ މަސައްކަތް ނިމުމުން ޑްރާފްޓް ކުރި ބިލެއް ފޮނުވާނީ އެ ބިލެއް ޑްރާފްޓް ކުރަން އެދުނު ސިޔާސީ ޕާޓީއެއްގެ ލީޑަރަށެވެ. އެހެންކަމުން މި ބިލްތައް ފޮނުވާނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެއީ ޕާޓީގެ މެންބަރަކު ހުށަހަަޅާ ބިލެއްގެ ގޮތުގައިވެސް އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ ގޮތުގައި ވެސް ހުށަހެޅިދާނެ ކަމަށެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕަށް ފެނިއްޖެނަމަ ސަރުކާރުގެ އެޕްރޫވަލްއެއް ހޯދަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.