Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ސަޓޯގެ މައްސަލަ އިސްތިއުނާފުކުރާނެ ވަރަށް ހެއްކެއް ނެތް

ސަޓޯ : ފޮޓޯ/ ސަން

މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރީ އިތުރު ހެއްކެއް ލިބިފައި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މައުލޫމާތު ދެއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓާއި އެ މައްސަލަ މިހާތަނަށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް ފުލުހުންނަށް ދީފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންގެ ތެރޭގައި ސަޓޯ ހިމެނެ އެވެ.

ހުމާމާއި އެކު އެ މައްސަލާގައި ޝާންގެ މައްޗަށް ދައުވާ ކުރި ނަމަވެސް ޝާން މިނިވަންވީ އެކަށީގެންވާ ހެކި ނެތް ކަމަށްބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް، ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ނަމަ، އެކަން ސާފުކޮށްދިނުމަށް މަރު ކޮމިޝަނާއި ޕީޖީ އަރިހުގައި އެމަނިކުފާނު ދެ ފަހަރެއްގެ މަތިން އެދިވަޑައިގެން ކަމަށެވެ.

އެހެން ނަމަވެސް އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކަށް ހައްޔަރު އަމުރެއް ނެރޭކަށް، އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ޖެހޭ ނަމަ ފުލުހުންގެ ފަރާތުން އެކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ކޮމިޝަނުން އެފަދަ ކަމެއް ފާހަގަކޮށްދީފައި ނުވާ ކަމަށެވެ.

ކޮމިޝަނުގެ ރިޕޯޓު ނެރުނު ދުވަހު ސަޓޯ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.