Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ހަރުކަށި ފިކުރަށް މީހުން ވަންނަ އަދަދު ވަނީ އިތުރު!

ރަށެއްގެ ފާރަުގައި އައިއެސް ޖަމާއަތުގެ ލޯގޯ ޖަހާފައި --

ޓެރަރިސްޓް ޖަމާއަތްތަކުގެ މެންބަރަކަށް ދިވެހިން ވުމާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު އާންމު ކުރެއްވި ހައްދުފަހަނަ އަޅާ ދިޔުމުގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ހަތް މައްސަލައެއް މިއަހަރު އެކަނި ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ބަލަން ފަށާފައިވާ އިރު، އޭގެ ތެރެއިން އެއް މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމާ ގުޅޭގޮތުން 2017 އަދި 2018 ވަނަ އަހަރު ޖުމްލަ ދެ މައްސަލަ ހުށަހެޅިއިރު، އެ ދެ އަހަރުގެ ތެރޭގައި ދެ މައްސަލަ މައްސަލަ ބަލަން ފެށިއިރު އެއް މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.

މިއަހަރުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުމުގެ ދެ މައްސަލައަކާއި ޓެރަރިސްޓް ޖަމާއަތަކަށް މީހުން ރެކްރޫޓް ކުރުމުގެ ދެ މައްސަލައަކާއި ޓެރަރިސްޓް ޖަމާއަތަކަށް ފައިސާގެ އެހީވުމުގެ އެއް މައްސަލަ ހިމެނެ އެވެ. އަދި ހަމައެއާއެކު ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ތިން މައްސަލައަކާއި ޓެރަރިޒަމްގެ އެހެނިހެން ކުށްކުށުގެ ފަސް މައްސަލައެއް ހިމެނެ އެވެ.

އަށާރަ އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުމުގެ އެއްވެސް މައްސަލައެއް 2014 ވަނަ އަހަރުގެ ފަހުން ހުށަހަޅާފައިނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރުން އެކަން ހުއްޓުވުމަށްޓަކައި އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން މެންބަރުން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.