Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

"ފަނޑިޔާރުން ބަދަލުވެގެން، ޝަރުއީ ނިޒާމު އިސްލާހުވާނެ ކަމަށް ގަބޫލުކުރަން ދަތި"

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ހަމައެކަނި ފަނޑިޔާރުން ބަދަލުވެގެން، ޝަރުއީ ނިޒާމު އިސްލާހުވާނެ ކަމަށް ގަބޫލުކުރައްވަން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ މާދަމާ ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމުން ސުޕްރީމް ކޯޓުގެ ބެންޗު މުޅިން ބަދަލުވީ ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ ހަމައެކަނި ފަނޑިޔާރުން ބަދަލުކޮށްގެން ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށެވެ. އެކަމަކީ އެމަނިކުފާނަށް ކަށަވަރުކުރަން އުނދަގޫ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް، މީހުން ތަމްރީނު ކުރުމާ ފަނޑިޔާރުންނަށް ދިމާވާ މައްސަލަތަކުގެ އިތުރުން ފަނޑިޔާރުންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ފުރަތަމަވެސް ކުރަމުން ދިޔަ މަސައްކަތަކީ ޕެރެލައިޒްވެފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހަރަކާތްތެރި ކުރުވާ ގާނޫނުން ބޮޑެތި ބާރުތަކެއް ދިނުމެވެ.

މި މަހުގެ 18 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައިވާއިރު، މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ތިް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ މަގާމުން ރިޓަޔާ ކުރައްވާފަ އެވެ. އަދި މިހާރު ސުޕްރީމް ކޯޓު ހިންގުން ހަވާލު ކޮށްފައިވަނީ ދާދިފަހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. އަޒްމިރަލްޑާ ޒާހިރާ އެވެ.