އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ހިދުމަތް ނުދެވުމުން ކަމަށް، އެއްވަސްވުން ބާތިލްކުރި އިރު ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިއަދު ވިދާޅުވީ ދީބާޖާ އެގްރީމެންޓު ސަރުކާރުން ބާތިލްކޮށްފައިވަނީ އެގްރީމެންޓުގައިވާ ގޮތުގެ މަތިން ހިދުމަތް ނުދެވުމުން ކަމަށެވެ. އަދި އެގްރީމަންޓު ބާތިލްކޮށްފައި ވާނީ ނޯޓިސްއާ އިންޒާރުވެސް ދިނުމަށްފަހު ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި އެކަން ކުރީ އޭރުގެ އެޓާނީ ޖެނެރަލްގެ ލަފަޔާއި އެކު ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި ހައިކޯޓުގެ ހުކުމުން އެކަން ސާފުވެގެން ދާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިންމަވާފައެވެ.
އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.
ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "އައްޑޫ ލައިވް" އަށް އިއްޔެ ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.
އެގޮތުން އެ ފައިސާ ދޫކުރާނީ ދީބާޖާއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީންދޭ ލަފާގެ މމަތިން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުންނެވެ.