Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ލަނޑާ ނަގާ ދޯނީގައި ހިނގި މާރާމާރީގައި ބައިވެރީ އެންމެ މީހެއް: އިމްރާން

ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލި ޒުވާނާ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އެހީގައި މާލެ ގެންނަނީ: ފޮޓޯ / އެމްއެންޑީއެފް

ލަނޑާ ނަގާ ދޯންޏެއްގައި މާރާމާރީ ހިންގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލުމުގައި ބައިވެރިވެފައި ވަނީ އެންމެ މީހަކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާ ހިނގީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގަ އެވެ. ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލީ، ރ. މަޑުއްވަރީއަށް ނިސްބަތްވާ ހައްމާދު ނަމަކަށް ކިޔާ 26 އަހަރުގެ ޒުވާނެކެވެެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މައްސަލައިގައި މިހާތަނަށް ކުރިއަށް ގެންދިޔަ ތަހުގީގަށް ފެނުނީ މައްސަލައިގައި ހައްޔަރު ކުރަން ޖެހެނީ އެންމެ މީހެއް ކަމަށެވެ. އެމީހާއަކީ ހައްމާދަށް ހަމަލާދިން މީހާ ކަމަށާއި އެވަގުތު ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ހައްމާދަށް ހަމަލާ ދިން މައްސަލައިގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ. މި ހާދިސާގައި ޒަހަމްވި ހައްމާދަށް މިވަގުތު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސިޔޫގަ އެވެ.

ޒަހަމްކޮށްލުމަށް ފަހު ހައްމާދު ކަނޑަށް އެއްލާލުމުން އޭނާ ވަނީ ފަތާފައި ގޮސް އއ. މާޅޮހަށް އަރައިފަ އެވެ. އަދި އޭނާ މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔައީ އެރަށު ޒުވާނުންތަކެއް ވެގެންނެވެ.