Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ޝަހީމާއި ސަލަފަށް ފިޔަވަޅު އަޅަން ފާސްކޮށްފި

ޖަމިއްޔަތުއްސަލަފުގެ ބައެއް އިލްމުވެރިން - ފޮޓޯ: ސަލަފް

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޑރ އަފްރާޝީމް އަލީ ގަތުލުކޮށްލި މައްސަލަ ތަހުގީގުކޮށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖަމިއްޔާތަަކަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއިން ފާސްކޮށްފައިވާ 11 ރިކަމަންޑޭޝަން މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. 10 މެންބަރަކު މިކަމާއި ދެކޮޅަށް ވޯޓު ދެއްވިއެވެ.

ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރާ ގޮތާއި ފައިސާގެ މިންވަރު ދެނެގަންނާނެ ގޮތާއި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގަން ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް މީރާ މެދުވެރިކޮށް ހޯދުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ސަލަފް ޖަމިއްޔާއިން މިދިޔަ ހަތް އަހަރު ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ބަލައި އެ ޖަމިއްޔާއިން އަފްރާޝީމްގެ ގަތުލަށް ފަންޑްކުރި ބެލުން ހިމެނެއެވެ.

މީގެއިތުރުން ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން މީހުންނާއި، މައުލޫމާތު އެނގި ތިބެ ސިއްރު ކުރި މީހުންނާިއ މައުލޫމާތު ދިނުމަށް ލަސްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުން ވެސް ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ލިސްޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ނަންފުޅު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން އަފްރާޝީމްގެ ގަތުލާއި ގުޅިގެން ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެކަންކަމުގެ މައުލޫމާތު ހޯދާ އެމީހުން ފުރި ތާޜީހާއި ފުރަން ހުއްދަ ދިން މީހުންނާއި އިމިގްރޭޝަންގެ ކޮންޓްރޯލާގެ ބޯޑުގައި ތިބި މީހުން ދެނެގަތުމަށް ވެސް 241 ކޮމެޓީން ވަނީ ރިކަމަންޑު ކޮށްފައެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް، ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ނަމަ، އެކަން ސާފުކޮށްދިނުމަށް މަރު ކޮމިޝަނާއި ޕީޖީ އަރިހުގައި އެމަނިކުފާނު ދެ ފަހަރެއްގެ މަތިން އެދިވަޑައިގެން ކަމަށެވެ.

އެހެން ނަމަވެސް އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކަށް ހައްޔަރު އަމުރެއް ނެރޭކަށް، އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ޖެހޭ ނަމަ ފުލުހުންގެ ފަރާތުން އެކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ކޮމިޝަނުން އެފަދަ ކަމެއް ފާހަގަކޮށްދީފައި ނުވާ ކަމަށެވެ.