ދޫނިދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ މިއަދު ފައްޓަވައިދެއްވައިފި އެވެ.
ހޯމް މިނިސްޓަރު އިމްރާން މީގެކުރިން ވިދާޅުވެފައިވަނީ، ދޫނިދޫ ޖަލަކީ މީހުން ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ދޫނީދޫ ޖަލު ތަޅާލުމަށްފަހު ހަމަ އެތަނުގައި އިތުރު ޖަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެކުރިން އެއްގޮތަކަށްވެސް މީހުން ބަހައްޓަން އެކަށީގެން ނުވާ ތަންތަނުގައިވެސް މީހުން ބަހައްޓާފައިވާކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު އެތަންތަނުގައި އެއްވެސް މީހަކު ބަންދުކޮށްފައި ނުބަހައްޓާ ކަމަށެވެ. ދޫނިދޫގައި ދެން އަޅާނެ ޖަލަކީ އިންސާނުން އެތަނުގައި ބަންދުކޮށްފައި ބަހައްޓަން އެކަށީގެންވާ ތަނަކަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގައިދީންނާއި ކުރެވޭ މުއާމަލާތް ބަދަލު ކުރެވޭނީ ޖަލު އޮފިސަރުންނަށްވެސް ދޭންޖެހޭ ތަމްރީނުތައް ދީގެން ކަމަށާއި އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އޮފިސަރުންގެ ކިބައިގައި އިންސާނީ ހައްގުތަކަށް ކަރާމާތްތެރިކޮށް ހިތުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ރިވެތި ސިފަތަކާއި މާތް އަހުލާގު އަށަގެންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގައިދީންނަށް މީގެކުރިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ މިިނިސްޓަރު އިމްރާން ވިދާޅުވީ އާއިލީ ބައްދަލުވުމަށް ގައިދީންނަށް ކުރީގައި ދީފައިވާ އެއް ގަޑިއިރު ދެ ގަޑިއިރަށް ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެކަހެރި ބައްދަލުވުން 12 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށްފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.