Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ސިއްހީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދަން ދިވެހިން ބޭނުންވޭ: ރައީސް

ސިއްހީ ދާއިރާއަށް ދިވެހި ރައްޔިތުންގެ އިތުބާރު ހޯދުމަށް އެ ދާއިރާގައި މަސައްކަތް ކުރުމަށް ދިވެހިން ތަމްރީނު ކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ނާސިން ނައު މޯލްޑިވްސް" ކެމްޕެއިން އިފްތިތާހު ކޮށްދިނުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ނިޒާމު ފުރިހަމަ ކުރަން ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި ނަރުހުން މި ދާއިރާއަށް ބޭނުންވާނެ ކަމަށެވެ. އެއީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭތީ ކަމަށާއި އެހެންކަމުން އެ ސަރަހައްދުތަކުގެ މީހުން ނަރުހުންގެ ގޮތުގަައި ތަމްރީން ވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ހިދުމަތުގައި ތިއްބެވި ނަރުހުންގެ ޢަދަދުވެސް އެކަށީގެންވާ ވަރަށްވުރެ މާ މަދު. މިކަމާމެދު ގައުމީ ފެންވަރުގައި އަޅުނގަނޑުމެން އިތުރަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ސިއްހީ ހިދުމަތްތައްވެސް، ލާމަރުކަޒީ ނިޒާމަކުން ތަރައްގީކުރުން ކަމަށާއި އެމީހާ ހުރި ތަނަކުން އެމީހާއަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ، ވިލި ސިއްހީ ހިދުމަތްތެރިން ތަމްރީނުވުމުން، ސިއްހީ މުހިންމު ހިދުމަތްތައް، އެއް ތަނަކަށް ޖަމާވެފައި އޮތް އޮތުން ވަރަށް ބޮޑަށް ހައްލު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ހިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިފަދަ ކަންކަމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ބަލާނެ ކަންކަން ކަމުގައި ދަންނަވަން. ތަފާތު ސަބަބުތަކާހުރެ، ހިދުމަތުގައި ދެމިތިބުމަށް ދަތިވެފައިވާ ނަރުހުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީވެސް ބޭނުންތެރި ކަމެއް. އެކަން ހައްލުކުރުމަށްޓަކައި، ޕާޓްޓައިމްކޮށް ހިދުމަތް ކުރެވޭނެ މޮޑެލްތަކެއް ބަލައި، އަމަލީ ސިފަ ގެނައުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ނަރުހުންނަށް ތައުރީފު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައެއްގެ ދުޅަހެޔޮކަން އިތުރުކުރުމުގެ އެންމެ މުހިންމު ބައިވެރިންނަކީ ނަރުހުން ކަމަށެވެ އެގޮތުން ރާއްޖޭގައިވެސް، ބަލިމީހުންނަށް ފަރުވާ ދިނުމުގަޔާއި، އާންމު ސިއްހަތާ ގުޅޭ އެންމެހައި ކަންކަން ކުރިއެރުވުމުގައި، ގިނަ އަދަދެއްގެ ނަރުހުން، ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކޮށް ނަރުހުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.