ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ފަނޑިޔާރު މަގާމުން ވަކިވާނީ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް ތަޅުމަށް ގޮސް، މެންބަރުން އެއަށް ބަހުސް ކުރެއްވުމަށްފަހު، އެ ކަމަށް ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. ފަނޑިޔާރު ކަމުން ޣަނީ ވަކި ކުރުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުކޮށް ނިމުނީއެވެ.
ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އޭނާ މަގާމުން ވަކި ކުރުން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވީ މިދިޔަ ބުދަ ދުވަހުގަ އެވެ. ޣަނީ ވަކި ކުރަން ހުށަހަޅަން ނިންމީ އޭނާ 60 ދުވަހަށް ސަސްޕެންޑް ވެސް ކުރުމަށްފަހު އެވެ.
ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.