ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ހުސައިން މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ނުވާތީ، އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ސުވާލެއް ނުކުރެވުނެވެ.
މިއަދުގެ މަޖިލީހުގައި އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އޮތީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެންވަޔަރަމަންޓު މިނިސްޓަރާއި ސުވާލު ކުރެއްވުމެވެ. އެހެންނަމަވެސް ވަގުތު ޖެހިވަޑައިގެންނެވި އިރުވެސް އަލީ ހުސައިން މަޖިލީހަކަށް ވަޑައެއް ނުގަންނަވައެވެ.
އަލީ ހުސެއިން ހުށަހަޅުއްވާފައި ވަނީ އޭނާގެ ދާއިރާގެ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވާއިރު އެ މަސައްކަތްތައް ފެށޭނީ ކޮން ތާރީހެއްގައިތޯ ސާފު ކުރުމަށެވެ.
އަލީ ހުސެއިން ވަޑައި ނުގެންނެވުމުން، ބ. އަތޮޅުގެ އެހެން މެންބަރަކަށް އެ ސުވާލު ކުރެއްވިދާނެތޯ ވެސް، ނަޝީދު ވަނީ އަމީން އާއްމުގެ އަރިހުން ސާފު ކުރައްވައިފައެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދުގައި އެކަމަށް ތަން ނުދޭތީ މިނިސްޓަރާ ސުވާލު ކުރުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު އިއުލާން ކުރެއްވިއެވެ.
ނަވާރަވަނަ ރައްޔިތުން މަޖިލިސް ވެފައި ވަނީ އެންމެ ގިނައިން ވަޒީރުން ހާޒިރު ކޮށްގެން ސުވާލު ކުރަމުންދާ މަޖިލީހަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި މިއީ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ ތިންވަނަ ވަޒީރެވެ.
މިއީ މިފަދަ ކަމެއް މަޖިލީހުގައި ހިނގާދިޔަ ފުރަތަމަ ފަހަރެވެ.