ޖަމިއްޔަތުއްސަލަފް އުވާލުމަށް ނޭދޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަލަފް އުވާލުމާއި އެމަނިކުފާނު ދެކޮޅުކަން ފުރަތަމަ ދުވަހުން ފެށިގެންވެސް ހާމަވާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ޖަމާއަތަކުން މީހުން މެރުމަށް ހިތްވަރު ދޭނަމަ ނުވަތަ ހަނގުރާމައަށް މީހުން ފޮނުވަން ހިތްވަރުދޭ ޒާތުގެ ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމަށް ފާސްކުރި ނަމަވެސް އެއީ އެ ޖަމިއްޔާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފާސްކުރި ކުރުމެއް ކަމަށް ނަޝީދު ސިފަ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރިއިރު އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރާ ގޮތާއި ފައިސާގެ މިންވަރު ދެނެގަންނާނެ ގޮތާއި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގަން ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް މީރާ މެދުވެރިކޮށް ހޯދުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ސަލަފް ޖަމިއްޔާއިން މިދިޔަ ހަތް އަހަރު ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ބަލައި އެ ޖަމިއްޔާއިން އަފްރާޝީމްގެ ގަތުލަށް ފަންޑްކުރި ބެލުން ހިމެނެއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަން ނުހިމަނާ ތެދު ރިޕޯޓެއް ލިޔާނެ ގޮތް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން މީހުންނާއި، މައުލޫމާތު އެނގި ތިބެ ސިއްރު ކުރި މީހުންނާިއ މައުލޫމާތު ދިނުމަށް ލަސްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުން ވެސް ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ލިސްޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ނަންފުޅު ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން އަފްރާޝީމްގެ ގަތުލާއި ގުޅިގެން ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެކަންކަމުގެ މައުލޫމާތު ހޯދާ އެމީހުން ފުރި ތާޜީހާއި ފުރަން ހުއްދަ ދިން މީހުންނާއި އިމިގްރޭޝަންގެ ކޮންޓްރޯލާގެ ބޯޑުގައި ތިބި މީހުން ދެނެގަތުމަށް ވެސް 241 ކޮމެޓީން ވަނީ ރިކަމަންޑު ކޮށްފައެވެ.