Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ގާސިމްގެ ސަބަބުން ގައުމު ހިންގުމަށް އުނދަގުވާ ހިސާބަށް ގޮސްފި: ޖާބިރު

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ގާސިމް އިބްރާހީމާއި ގައުމު ހިންގުމަށް އުނދަގުވާ ހިސާބަށް ގޮސްފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވަނީ ގާސިމުގެ މުދާ ދައުލަތަށް ނަގަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ ދައުލަތުން ވައްކަން ކުރި މީހުންގެ މުދާ ދައުލަތަށް ނަގާއިރު ގާސިމްގެ މުދަލަކީ ދައުލަތަށް ނެގެން ޖެހޭނެ މުދަލެއް ކަމަށެވެ.

ގާސިމްގެ އުނދަގުލާއި ހެދި ސަރުކާރެއް ހިންގުމަށް ދަތިވެގެން އުޅެނީ މިއަދަކު އެކަނި ނޫންކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަމަކީ މީގެ އެތައް ޒަމާނެއް ކުރިން ދިވެހިންނަށް ކުރިމަތިވެފައިވާ އުނދަގުލެއް ކަމަށެވެ.

ޖާބިރު ގާސިމް އިބްރާހީމް އަށް މިހާ ބޮޑަށް ފާޑު ވިދާޅުވެ މަޖިލީހުގައި ވާހަކަދައްކަވާފައި މިވަނީ ސީދާ ކޮން ސަބަބަކާއި ހެދި ކަމެއް ނޭނގެއެވެ. ޖާބިރު މިފަހުން ބައެއް ބަހުސްތަކުގައި ވަނީ ރައީސް ސޯލިހަށް "ވަގަށް" ވެސް ގޮވާފައެވެ.

ޖާބިރު މިފަދައިން ވިދާޅުވިއިރު 2008ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ގާސިމް އިބްރާހީމްގެ ތާއީދާއި އެކުގައެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވެރިކަމަށް ވަޑައިގެންފައި ވަނީ ގާސިމްގެ ތާއީދާއި އެކުގައެވެ. އޭނާވަނީ މިއިން ކޮންމެ ސަރުކާރެއްގައިވެސް ސަރުކާރު ކޯލިޝަން ޕާޓްނަރަކަށް ވެފައެވެ.