Last Updated: July 1, 04:05
Tuesday, June 30, 2026
ޚަބަރު

އިހްޔާ ކުރަން ދަރިވަރުންނަށް ހާއްސަ ފޯރަމެއް

ރަމަޟާން މަސް އިހްޔާކުރުމުގެ ޕްރޮގްރާމް ތައް މިއަހަރު އައްޑޫ ގައި ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ކުރީ އަހަރު ތަކާއި ތަފާތު ގޮތަކަށް ކަމަށާއި މިފަހަރަު ސްކޫލް ކުދިންނަށް ހާއްސަ ދީނީ ފޯރަމެއް ކުރިއަށް ގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ މިއަހަރުގެ ޕްރޮގްރާމްތަކުގައި ހިމެނޭނީ ދަރިވަރުންގެ ފޯރަމާއި، ސުވާލު މުބާރާތާއި، ދިނީ ކައުންސެލިންގެ ޚިދުމަތާއި، އަސުރު ނަމާދަށްފަހު މިސްކިތްތަކުގައި އޮންނަ ދީނީ ދަރުސުތަކެވެ.

މިއަހަރު ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހަވީރު އައްޑޫގެ މިސްކިތްތަކުގައި ވަކި މައުޟޫއު ތަކަށް ދީނީ ދަރުސް ދިނުން ވަނީ ފަށާފަ ވެ.

ކައުންސިލުން ބުނީ ދަރިވަރުންގެ ފޯރަމް ޕްރޮގްރާމް އަކީ އައްޑޫސިޓީ ކައުންސިލާއި މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އައްޑޫގެ އެކި ސްކޫލްތަކުގެ މެދުގައި ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އަދި ކުރީ އަހަރު ތަކުގައި ކުރިއަށް ގެންދިޔަ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ބަދަލުގައި މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސްކޫލް ތަކަށް ބާއްވާ ދީނީ ފޯރަމެވެ.

އަދި ފޯރަމްގެ ކަންތައް ތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސްކޫލް ދަރިވަރުންނެވެ. އެގޮތުން ފޯރަމް ހުށަހެޅުމާއި އެހެނިހެން ކަންކަމުގައި ހަރަކާތްރިވާނީ ސްކޫލް ދަރިވަރުންނެވެ. އެގޮތުން ކޮންމެ ސްކޫލަކުން މަދުވެގެން 5 ދަރިވަރުންނަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކައުންސިލުން ބުނީ ސްކޫލްތަކަށް ވަކި ރޭތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެގޮތުން ސްކޫލްތަކަށް ހާއްސަ ކުރެވޭ ރެއެއްގައި އެސްކޫލަކަށް ލިބިފައިވާ މައުޟޫޢަކަށް އެސްކޫލަކުން ބޭނުންވާގޮތަކަށް ހުށަހެޅިދާނެކަމަށެވެ.

އެގޮތުން ޓެކްސްޓް ޕްރެޒެންޓޭޝަން ނުވަތަ ވީޑިއޯ އަދި ފޮޓޯ ޕްރެޒެންޓޭޝަނެއް ގޮތުގައި ނުވަތަ ލެކްޗަރެއް ގޮތުގައި ވެސް ފޯރަމް ކުރިއަށް ގެންދެވިދާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ފޯރަމް ތެރެއިން ދީނީ ޢިލްމުވެރިންގެ ޕެނަލަކުން މައުޟޫޢާ ގުޅޭ ސުއާލުތަކަށް ޖަވާބުދިނުން ހަމަޖެހިފައިވެއެވެ.

ރަމަޟާންމަހުގެ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ސްކޫލްތައް:

12 ޖުލައި 2013 އައްޑޫ ހައި ސްކޫލް
15 ޖުލައި 2013 އިރުޝާދިއްޔާ ސްކޫލް
19 ޖުލައި 2013 ސ. އަތޮޅު މަދުރަސާ
22 ޖުލައި 2013 ޝަރަފުއްދީން ސްކޫލް
29 ޖުލައި 2013 ފޭދޫ ސްކޫލް
2 އޯގަސްޓް 2013 ހިތަދޫ ސްކޫލް
5 އޯގަސްޓް 2013 އިޙްޔާ ޕްރޮގްރާމް ނިންމާ ޖަލްސާ (އިރުޝާދިއްޔާ ސްކޫލް)

ފޯރަމްތަކަށް ކަނޑައެޅިފައިވާ މައުޟޫޢުތަކަކީ:

1. އެއްކައުވަންތަ އިލާހަކު ވޮޑިގެންވޭ– ސ. އަތޮޅު މަދުރަސާ
2. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ އެންމެ ފަހުގެ ރަސޫލާ– ފޭދޫ ސްކޫލް
3. އިސްލާމްދީނަކީ ޙައްޤު ދީން– ޝަރަފުއްދީން ސްކޫލް
4. މަރުވުމަށްފަހު އަލުން ދިރުއްވާނެ– ހިތަދޫ ސްކޫލް
5. ޒަމާނީ ސައިންސާއި ޤުރްއާން– އިރުޝާދިއްޔާ ސްކޫލް
6. އިންސާނާގެ ޢަމަލުތަކަށް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ– އައްޑޫ ހައިސްކޫލް

މިޕްރޮގުރާމް ނިންމުމަށް ބާއްވާ ޖަލްސާގައި، 75 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދާ ސްކޫލްތަކަށް އިނާމް ދެވޭނެއެވެ. މިފޯރަމްތަކުގެ އިންތިޒާމުތަކާއި ރިފްރެޝްމެންޓުގެ ކަންތައް ހަމަޖެއްސުމަށްޓަކައި ފޯރަމްތަކުގައި ބައިވެރިވާ ކޮންމެ ސްކޫލަކަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން -/5000 ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ.