ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު އުވާލުމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާމިނަކަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށެވެ. އެކަމަކު، އެ އިސްލާހު އުވާނުލުމަކީ އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޕީޕީއެމްގެ ސަރުލާކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުލާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އެއްކޮށް އުވާނުލައި ރައްޔިތުންނަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވިދާނެ ކަމަށް ނުވަތަ އިސްލާހެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާނާއި އެކު މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ބައިވެރިވެވަޑައިގަތެވެ. އޭނާ ވެސް ވަނީ ހޯމް މިނިސްޓަރުގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން އެގޮތަށް އޮތް ނަމަވެސް އެއްވެ އުޅުމުގެ ފުރުސަތު ދެވެން އޮތް އެންމެ ފުޅާ މިނެއްގައި ދިނުމުގެ ހުއްދަ ފުލުހުންވެސް ދެމުން ގެންދާ ކަމަށެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު ތަސްދީގުކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޭރު ހޯމް މިނިސްޓްރީން އިއުލާނުކުރިއެވެ. އެ އިސްލާހު އެގޮތަށް ފާސްކުރުމުން މިއަދު ސަރުކާރުގެ ވެރިން ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލާ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަކީ މި ސަރުކާރުން ރިޔާސީ އިންތިހާބުގައި ވަމުންދިޔަ މުހިއްމު ވައުދެކެވެ.