Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފުލުހުންގެ ތެރޭގައި "އަނދިރި ދައުލަތެއް" ނެތް

މަޖިލީހުގެ ކޮމެޓީގައި ސީޕީ ހަމީދު -- ފޮޓޯ / މަޖިލިސް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރާ "އަނދިރި ދައުލަތްތަކުގެ" ބިރުވެރިކަމެއް ފުލުހުންގެ ތެރޭގައި ނެތްކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހާރު ރާއްޖޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުންވެސް ވާހަކަދައްކަވާއިރު އެކަންކަމަށް ސަމާލުކަން ދިނުމަށް ސީޕީ ހަމީދު އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބައެއް އާންމުންނަށްވެސް ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ބައެއް އަމަލުތައް މިފަހުން އިތުރުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމަކީ ވަރަށް ސީރިއަސްކޮށް ފުލުހުން ބަލަމުން އަންނަ ކަމެއް ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަނދިރި ދައުލަތުގެ މާނައަކީ ކޮބައިކަމެއް އަޅުގަނޑަށް ދަންނަވަން ދަތި. އެކަމަކު ދީނާ ގުޅުވައިގެން އަނިޔާވެރި އަމަލުތައް ހިންގުމާއި، އަދި އޭގެ އަނެއް ކޮޅުގައި އޮންނަ ދީނީ މިނިވަންކަމަށް ހިތްވަރުދީ އެއިން އެއްވެސް ކަމަކަށް ވާގިދޭ ބަޔަކު ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނޫޅޭކަން އަޅުގަނޑު ދަންނަވަން،" ހަމީދު ވިދާޅުވިއެވެ.

ހަމީދު މިފަދައިން ވިދާޅުވިއިރު ހައްދުފަހަނަ އަޅާދިއުމުގެ މައްސަލަތައް ފުލުހުންނަށް ނުބެލެނީ، ހަރުކަށި ފިކުރަށް ބައެއް ފުލުހުން ހެއްލިފައި ތިބުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެވެސް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅޭގޮތުން މަޖިލީހަށް އިއްޔެ ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި ނުކުތާއަކީ ފުލުސް އޮފީސް މިކަމުގައި އިހުމާލުވެފައިވާ މިންވަރާއި އެ މުއައްސަސާ އިން މިކަމުގައި އެއްގޮތަކަށް ވެސް އަޅާނުލެވޭ މިންވަރާ މެދު ކަމަށެވެ.

"އަހަރުދުވަސް ވެދާއިރުގައި ހަމަ އެކަމަށް ބައްލަވަ ބައްލަވާ ތިއްބެވުން އަދި އިތުރު މާދިގު މައުލޫމާތެއް ހޯއްދަވަންވެގެން އިންވެސްޓިގޭޝަން ކުރިއަށް ގެންދަންވެގެން ފޮރންސިކް މައްސަލަތަކާއި އެހެންވެސް ތަހުގީގީ މައްސަލަތަކުގައި އަހަރެއްވާއިރުގައި ވެސް އެކުއްޖާ ހހުރީ އަނިޔާގެ ޝިކާރައެއްގެ ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ހުރިހާ އޮފިސަރުން ވެސް މިފަދަ މައްސަލަތައް ބައްލަވަން ބޭނުންވާނެ ކަމަށާއި ނަމަވެސް އެފަދަ ކަންކަން ނުކުރެއްވޭ ސަބަބަކަށް ލަފާކުރެވުނީ ހަރުކަށި ފިކުރަށް ހެއްލިފައި ބައެއް ފުލުހުން ތިބުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.