ދީނީ ހަރުކަށި ޖަމާއަތްތަކާއި ގުޅުން އޮންނަ އަދި އެފަދަ ޖަމާއަތްތަކަށް ވާގިދޭ ރާއްޖޭގެ މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ މަޖިލިސް ކޮމެޓީގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރަމުން ދަނީ ކޮންކޮން ބައެއްކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ. އަދި އެފަދަ ޖަމާއަތްތަކުގެ "ސެލް"ތައް މަސައްކަތް ކުރަމުންދާ ގޮތާއި އެ ޖަމާއަތްތަކުގައި ތިބީ ކިތައް މީހުންކަން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ޓެރަރިޒަމް ގާނޫނުގެ ދަށުން ފުލުހުންނަށް ލިބުނު ބާރުތަކާއި އެކު އެކަންކަމާއި ގުޅޭ ފުރިހަމަ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ދީނީ ހަރުކަށި ފިކުރު ނުވަތަ "އަނދިރި ދައުލަތާއި" ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސީޕީ ވަނީ މިއަދުގެ ކޮމެޓީގައި އެފަދަ ކަމެއް ފުލުހުންގެ ތެރޭގައި ނުހިނގާ ކަމަށް ވިދާޅުވެފައެވެ.
ހަމީދު ވިދާޅުވީ މިހާރު ރާއްޖޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުންވެސް ވާހަކަދައްކަވާއިރު އެކަންކަމަށް ސަމާލުކަން ދިނުމަށް ސީޕީ ހަމީދު އެދިވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބައެއް އާންމުންނަށްވެސް ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ބައެއް އަމަލުތައް މިފަހުން އިތުރުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމަކީ ވަރަށް ސީރިއަސްކޮށް ފުލުހުން ބަލަމުން އަންނަ ކަމެއް ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަނދިރި ދައުލަތުގެ މާނައަކީ ކޮބައިކަމެއް އަޅުގަނޑަށް ދަންނަވަން ދަތި. އެކަމަކު ދީނާ ގުޅުވައިގެން އަނިޔާވެރި އަމަލުތައް ހިންގުމާއި، އަދި އޭގެ އަނެއް ކޮޅުގައި އޮންނަ ދީނީ މިނިވަންކަމަށް ހިތްވަރުދީ އެއިން އެއްވެސް ކަމަކަށް ވާގިދޭ ބަޔަކު ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނޫޅޭކަން އަޅުގަނޑު ދަންނަވަން،" ހަމީދު ވިދާޅުވިއެވެ.
ހަމީދު މިފަދައިން ވިދާޅުވިއިރު ހައްދުފަހަނަ އަޅާދިއުމުގެ މައްސަލަތައް ފުލުހުންނަށް ނުބެލެނީ، ހަރުކަށި ފިކުރަށް ބައެއް ފުލުހުން ހެއްލިފައި ތިބުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެވެސް ވަނީ ވިދާޅުވެފައެވެ.