ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ އެޕާޓީން އިއުލާން ކޮށްފިއެވެ.
ދާއިމީ ނަތީޖާ ދައްކާ ގޮތުގައި ޕާޓީގެ ރައީސްގެ މަގާމު ދިފާއު ކުރެއްވި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 24،202 ވޯޓު ފެންނަ ކަމަށް ލިބިލެއްވިއިރު 421 ވޯޓު ނުފެންނަ ކަމަށް ލިބިފައިވެއެވެ. ޕާޓީގެ ރައީސް ކަމަށް އާއްމު މެންބަރުން ލީ ވޯޓުގައި 479 ވޯޓެއް ބާތިލް ވެފައިވާއިރު ޖުމްލަ ވޯޓުގެ އަދަދަކީ 25،102 އެކެވެ.
ޕާޓީގެ ނާއިބު ރައީސްކަމުގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާދަކުރައްވާ ކާމިޔާބު ކުރައްވާފައި ވަނީ މުހައްމަދު ޝިފާޒެވެ. އޭނާއަކީ ކުރިންވެސް އެޕާޓީގެ ނާއިބު ރައީސެވެ. ޝިފާޒަށް ލިބިލެއްވީ 13،815 ވޯޓެވެ. އަސްލަމަށް ލިބިލެއްވީ 10،840 ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ. ޖުމްލަ ވޯޓުގެ އަދަދަކީ 25،102 އެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރިއިރު އެ އިންތިހާބުގައި ނާއިބު ރައީސް ކަމަށް ވާދަކުރި މުހައްމަދު އަސްލަމް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.