Last Updated: June 10, 00:02
Tuesday, June 9, 2026

މިއަދު އަހަރެންގެ މާޒީ ހިއްސާ ކުރާ ތިން ވަނަ ފަރާތަކީ ތި އެވެ. އެ ދުވަހު އަހަރެން ރުއީމެވެ.
ލޮލުން ކަރުނަ ހުސްވަންދެން ނުރޮވުނު ނަމަވެސް ލިބުނު ހިތްދަތިކަމާއި ހިތަށް ކުރި އަސަރު މިއަދު ވެސް ހުރީ ތާޒާކޮށެވެ. އެެހެނަސް ކެތްކުރީމެވެ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅަަށްޓަކަ އެވެ.

ހަމައެކަނި އެ ދަރިފުޅަށްޓަކަ އެވެ. އަހަރެންގެ އަމިއްލަ ނަފުސަށް ކިތަންމެ ބޮޑު އަސަރެއް ކުރި ނަމަވެސް، އަހަރެންގެ ދަރިފުޅަށްޓަކައި ލޮލުން އެ ދުވަހު އޮހުރުނު ކަރުނަތައް ގުރުބާން ކުރީމެވެ.
ވަފާތެރިކަމާއި ތެދުވެރިކަމާ އެކުގަ އެެވެ. އަހަރެންގެ އެއްވެސް ކުށެއް ނެތެވެ. ކުށެއް ނެތް މީހެއްގެ މައްޗަށް މިހާ ބޮޑު ޝަޒާއެއް ލިބުން އެއީ އިންސާފެއް ހެއްޔެވެ؟

އެ ސުވާލްގެ ޖަވާބު މިއަދު އަހަންނަށް ލިބިއްޖެ އެވެ. އެކަމަކު އަހަރެން ޝާހިދު އާ ކައިވެނި ކުރީ ލޯބިވާތީ އެވެ. ދެ މީހުންގެ އާއިލާގެ މީހުންގެ ރުހުމާއި ގަބޫލާ އެކުގަ އެވެ. އަދި އެއަަށް ވުރެ ބޮަޑަށް އަހަރަމެން ދެ މީހުންގެ މެދުގައި އުފެދުނު ވަރުގަދަ އިޝްގީ ލޯތްބަށްޓަކަ އެވެ. އާއެކެވެ. ކުޑަ އިރުއްސުރެ އަހަރެން ޝާހިދު ދަންނަމެވެ.

އޭރުން ފެށިގެން އަހަރެމެން ދެ މީހުންވެފައި ވަނީ ވަރަށް ގާތް ދެ ރަހުމަތްތެރިންނަށެވެ. އަދި އެއަށް ވުރެ ބޮޑަށް އެ ގުޅުން ބަދަހިވެގެން ދިޔައީ އެއް ސްކޫލެއްގައި، އެއް ކުލާހެއްގައި ކިޔެވުމުގެ ފުރުސަތު ލިބުމުންނެވެ.
އެ ދުވަސްތަކުގައި ވަރަށް ގިނަ ކަންތައްތަކާ ހިޔާލު ބަދަލު ކުރެވުނެވެ. ދެ މީހުންގެ އުންމީދުތައް އެކަކު އަނެކަކާ ހިއްސާ ކުރެވުނެވެ.

ނަތީޖާއެއްގެ ގޮތުން ދެ މީހުންގެ ހިޔާލު ވެސް ވަރަށް އެއްގޮތްކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ޝާހިދު އާ ދޭތެރޭ އަހަރެންގެ ހިތުގައި ހާއްސަ ކަމެއް ދެވުނެވެ. ކުރިން ދެކެމުން އައި ރަހުމަތްތެރިކަމުގެ އޮނިގަނޑު ފަހަނައަޅައި ދާން ފެށި އެވެ.

އެހެނަސް އަހަރެން މި ވާހަކައެއް ޝާހިދަކަށް ނާންގަމެވެ. ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ޝާހިދުގެ ފަރާތުން އެފަދަ އިޝާރާތެއް، ޝުއޫރެއް އަޑު އިވޭނެ އިރަކަށެވެ. ނަސީބު ދިމާ ކުރި ގޮތުން އަހަރެން ކުރަމުން އައި އެ އިންތިޒާރު ވަރަށް އަވަހަށް ނިމުމަކަށް އަ އެވެ.

އެވަގުތު އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. ލިބުނު އުފަލެއްގެ ސަބަބުން ލޮލުން ކަރުނަ ވެސް އޮހޮރުނެވެ. އެވަގުތުން ފެށިގެން އަހަރެމެން ދެ މީހުން ދެ ލޯބިވެރިންނަށް ވެއްޖެ އެވެ.
އެކަހެރިކޮށް ބައްދަލު ކުރެވޭ ވަގުތުތައް ގިނަވެއްޖެ އެވެ. ޝާހިދު އޭނާގެ ހިތުގެ ޝުއޫރުތައް އަހަރެންގެ ކަންފަތް ދޮށަށް އިއްވަމުން ދިޔަ އެވެ.

ވަރަށް މިނިވަންކަމާ އެކު އަހަރެން އަޑު އަހަމުން ގެންދިޔައީމެވެ. ޝާހިދު ބުނެ އެވެ. ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮަޑަށް އޭނާ އަހަރެން ދެކެ ލޯބިވެ އެވެ. އެ ޖުމްލައިގެ ސަބަބުން ޝާހިދާ ދޭތެރޭ އަހަރެންގެ ހިތުގައި ވަރަށް ބޮޑު އިތުބާރެއް އުފެދުމެވެ. އަދި އަހަރެން އޭނާ އަަށް ހަމަ އެހާ ވަރަށް އިތުބާރު ވެސް ކުރީމެވެ.

ދުވަސްތައް މާޒީވަމުން ގޮސް އަހަަރަމެން ދެ މީހުންގެ މަދުރަސީ ދައުރު ނިމުމަކަށް އައަ އެވެ. އޭރު ދެ މީހުންނަށް ވަނީ ވަކިން ނޫޅެވޭ ވަރަށް ގުޅިލާމެހިފަ އެވެ. ލޯބީގެ އަވާގައި އާވާރާވެފަ އެވެ. އެހެންކަމުން ޝާހިދު ބޭނުންވީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރާށެވެ.
އެގޮތް އަހަރެން ވެސް ބޭނުންވާތީ ފުރަތަމަ ފަހަރަށް މަންމަ ކައިރީ އެ ވާހަކަ ދެއްކީމެވެ. ކުރިން ވެސް އެނގެ އެވެ. މަންމެން ގަބޫލް ވާނެ އެވެ. މަންމަ އަހަރެންގެ މޫނަށް ވަރަށް ފަރުވާތެރިކަމާ އެކު ބެލި އެވެ.

އެ ވަގުތު އަހަރެންގެ އިހުސާސްތައް ވަރަށް އަވަހަށް "ދަމައިގަތެވެ." އަދި އަހަންނަށް ވިސްނައި ދިނެވެ. ކައިވެންޏަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެވެ.
އެއީ ވަރަށް މާތް، ވަރަށް މުހިއްމު ގުޅުމެއްކަން މަންމަ ވިސްނައި ދިނެވެ. އަދި އޭގެ އިތުރުން ވެސް އަންހެނެއްގެ ހައިސިއްޔަތުން މަންމަ ވަރަށް ގިނަ ކަންތައްތައް އޮޅުން ފިލުވައި ދިނެވެ. މަންމަ ބުނެ ނުދޭ ވާހަކައެއް ނެތްހާ ވަރަށެވެ.

(ނުނިމޭ)