Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އައްޑޫ ހޮސްޕިޓަލް އަންނަ މަހު ހުޅުވަނީ، މި ސަރުކާރާއި އެކު އައްޑޫއަށް ކުރެވޭ އުއްމީދު ބޮޑު

ނިޒާރު ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވަނީ --

ސަރުކާރުން ތަރައްގީ ކުރާ އައްޑޫ ޓާޝަރީ ހޮސްޕިޓަލް އަންނަ މަސް ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވާ ނިޒާރުގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހު ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރާއި އެކު އައްޑޫއަށް ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ. އޭނާ ވަނީ އައްޑޫ ރައްޔިތުން މާޔޫސް ނުވުމަށް އެދިލައްވާފައެވެ.

ނިޒާރު ރޭ "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލައްވަނީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މޭޔަރު ކަމަށް ނިކުންނާނީ މުޅިން އާ ތަސައްވަރަކާ އެކު ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ކަމަށް ނިޒާރު ކުރިމަތިލެއްވުމަށް ނިޒާރު ނިންމަވާފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ. އެހެންވެ ނިޒާރު ޖެހޭނީ މޭޔަރު ކަމަށް އެޕާޓީން ވާދަ ކުރައްވާ އެހެން ކެންޑިޑޭޓުންނާއި އެކު ޕްރައިމަރީގައި ވާދަކުރައްވާށެވެ.

މިހާތަނަށް އައްޑޫގެ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން އިއްލާން ކުރައްވާފައިވަނީ ފާއިތުވި ތިން ދައުރުގައިވެސް އައްޑޫގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ)އެެވެ.

އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ އިސްލާހުތަކާއެކު އަންނަ މަހުގެ ތެރޭގައި އެ ގާނޫނު ފާސްވާނެ ކަމަށް ބެލެވެއެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.