Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަގާމުން ދުރުކުރަން އުޅެނީ ގާނޫނުއަސާސީއާ އިޖުރާއަތްތަކާއި ހިލާފަށް: ބިޝާމް

ޕީޖީ އައިޝަތު ބިޝާމް - ފޮޓޯ: މަޖިލިސް

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފަށާފައި ވަނީ ގާނޫނުއަސާސީއާ އިޖުރާއަތްތަކާއި މުޅިން ހިލާފަށް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ބިޝާމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީން ކޮމިޓީން ބަލަމުން އަންނައިރު އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް، މިއަދު ބާއްވާ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް ބިޝާމް އަށް ވަނީ އަންގާފައެވެ.

ބިޝާމް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތްކަން މީގެ ކުރިން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވުމަށް އެދި ފޮނުވި ސިޓީގައި، ޖަވާބުދާރީ ވާންޖެހެނީ ކޮންކަމަކާއި ގުޅިގެންކަން ބަޔާންކޮށްފައި ނުވާކަމަށް ބިޝާމްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބިޝާމްގެ ބަޔާނުގައި ބުނެފައިވަނީ މުސްތަގިއްލު ކޮމިޝަންތަކުގެ މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމަކީ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ "އެހެނިހެން" އައިޓަމްގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ ވަރަށް ވުރެއް ބޮޑެތި ކަންކަންކަމަށެވެ.

ބިޝާމް ވިދާޅުވެފައި ވަނީ އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބިޝާމް ވިދާޅުވީ ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ހުއްދަ ދިން އިރު، އޭނާ މަގާމުން ވަކިކުރަން ޖެހޭ ސަބަބުތައް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވި ސަބަބުތަކާ، ޖުޑީޝަރީ ކޮމިޓީގައި މައްސަލަ ދިރާސާކުރައްވަމުން ގެންދެވި އިރު، ކޮމިޓީގެ މެމްބަރުން ވިދާޅުވަމުން ގެންދެވި ސަބަބުތައް އެއްގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ބިޝާމްގެ ބަޔާނުގައި ވިދާޅުވީ ޖަވާބުދާރީވާން ވަކީލަކާ އެކުވެސް ހާޒިރުވުމުގެ ފުރުސަތު އޮތް ކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީގައި ޖަވާބުދާރީވާން ޖެހޭ ކަންތައްތައް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ޖަވާބުދާރީވާން ތައްޔާރުވުމަށްޓަކައި މުހުލަތެއް ދިނުމާއި، ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭގޮތަށް އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ފަދައިން، ޖަވާބުދާރީވާންޖެހޭ ކަންކަން ވެސް ވަރަށް ސާފުކޮށް، ބަޔާން ކުރަންވާނެ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ.

މި މަހުގެ 20ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޖީ އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރުމުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.

އެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީން ޕީޖީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާ ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީގައި ޕީޖީގެ މަގާމުން ވަކިކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާ މާއްދާ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އަދި އެ މާއްދާ އިއްވުމަށްފަހު ނަޝީދު ވިދާޅުވީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރުވެސް އެކަށީގެންވާ ރަނގަޅު ޕްރޮސިކިއުޝަނެއް ހިންގާފައިވާތަން ފެނިފައި ނުވާކަން މެންބަރުންނާއި ވާހަކަދައްކަވާ ލެއްވުމުން މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ޕީޖީގެ މަގާމުން އެކަމަނާ ދުރުކުރަން މެންބަރުން ބޭނުންވަނީ އެ ސަބަބާ ހެދި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.