ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުން މަޑުޖައްސާލަ ދިނުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކުރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހު "އައްޑޫލައިވް"އަށް މިއަދު ވިދާޅުވީ އެގޮތަށް ކްރިމިނަލް ކޯޓުގައި އެދުނީ ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މައްސަލަ މަޑުޖައްސާލުމަށް ރައީސް ޔާމީން އެދިލައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ މައްސަލަ ބަލާ ބެންޗު މިހާރު އެކުލަވާލާފައިވަނީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. އެގޮތުން ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައި ކަމަށާއި ނަމަވެސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލަފުޅަށް ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 1:30 އަށެވެ.
ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި މީގެ ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވަން މީގެކުރިން ތާވަލު ކުރި ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. އެއާއެކު އެ ދުވަހު ބާއްވަން ހަމަޖެއްސި ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފައެވެ.
އެއަށްފަހު ޔާމީންގެ ފަރާތްޕުޅުން ވެސް އެދިވަޑައިގެންނެވި ގޮތަށް ވަނީ މި މައްސަލަ ބެއްލެވުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދު ހުސެއިން، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.