ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެކަމަނާގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީގެ މަގާމުގައި ހުންނެވި ބިޝާމް އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ހެނދުނު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ޕީޖީގެ މަގާމުގައި ހުންނަވާ އެކަމަނާ ކޮށްދެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެކަމަނާ ވަނީ ޕީޖީ އޮފީހުގެ ލެޓާ ހެޑުގައި ނޫސްބަޔާނެއް ނެރުއްވާފައެވެ. އެ ނޫސްބަޔާނުގައި އެކަމަނާ ވިދާޅުވެފައިވަނީ ގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފަށާފައި ވަނީ ގާނޫނުއަސާސީއާ އިޖުރާއަތްތަކާއި މުޅިން ހިލާފަށް ކަމަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތްކަން މީގެ ކުރިން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވުމަށް އެދި ފޮނުވި ސިޓީގައި، ޖަވާބުދާރީ ވާންޖެހެނީ ކޮންކަމަކާއި ގުޅިގެންކަން ބަޔާންކޮށްފައި ނުވާކަމަށް ބިޝާމްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ބިޝާމްގެ ބަޔާނުގައި ބުނެފައިވަނީ މުސްތަގިއްލު ކޮމިޝަންތަކުގެ މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމަކީ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ "އެހެނިހެން" އައިޓަމްގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ ވަރަށް ވުރެއް ބޮޑެތި ކަންކަންކަމަށެވެ.
ބިޝާމް ވިދާޅުވެފައި ވަނީ އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި މަހުގެ 20ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޖީ އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރުމުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.
އެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީން ޕީޖީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާ ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީގައި ޕީޖީގެ މަގާމުން ވަކިކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާ މާއްދާ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އަދި އެ މާއްދާ އިއްވުމަށްފަހު ނަޝީދު ވިދާޅުވީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރުވެސް އެކަށީގެންވާ ރަނގަޅު ޕްރޮސިކިއުޝަނެއް ހިންގާފައިވާތަން ފެނިފައި ނުވާކަން މެންބަރުންނާއި ވާހަކަދައްކަވާ ލެއްވުމުން މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ޕީޖީގެ މަގާމުން އެކަމަނާ ދުރުކުރަން މެންބަރުން ބޭނުންވަނީ އެ ސަބަބާ ހެދި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.