Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ބޮޑެތި ބަދަލުތައް ދެނީ އެއް ފަރާތުގެ މަސްލަހަތަށް ބަލައިގެން: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު - ފޮޓޯ: ޕީއެސްއެމް

ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ބަދަލު ދެމުން ސަރުކާރުން ދާއިރު އެކަން ކުރަނީ އެންމެ ފަރާތެއްގެ މަސްލަހަތަށް ބަލައިގެން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި ބަދަލު ދެނީ އެއް ފަރާތުގެ މަޞްލަހަތަށް އެކަނި ބަލައިގެން ކަމަށާއި، ބަދަލު ދިނުމަށް ކޯޓުން ނިންމުމުން އެކަން ރިވިއު ކުރުމަށް ވެސް ސަރުކާރުން ބޭނުންނުވާ ކަމަށެވެ. ޖަމީލްވަނީ އެއް އަހަރު ވެގެން ދިޔައިރު މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ މި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ބަދަލު ދިނުމުގެ ވާހަކަ ޖަމީލް ދެއްކެވިއިރު ސީދާ ތުހުމަތު ކުރެއްވީ ކޮން މައްސަލައަކަށް ކަމެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީއަށް ދީބާޖާ މައްސަލާގައި ބަންޑާރަ ނާއިބު ވަނީ ހާޒިރު ކުރައްވާ، މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ. އެމަނިކުފާނު މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރެއްވީ، ދީބާޖާ މައްސަލާގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓު ކުރި ހުކުމް ރިވިއު ނުކުރި މައްސަލާގައެވެ.

މީގެކުރިން މާލިއްޔަތު ކޮމެޓީއަށް ވަޑައިގެން ބަންޑާރަ ނާއިބު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ މައްސަލާގައި އަދުލުވެރި ހުކުމެއް ކުރައްވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ސުޕްރީމް ކޯޓު ފަނޑިޔާރުގެއަށް ބަދަލުތަކެއް ގެނެސް ދިނުމަށް އެދިވަޑައިގަތެވެ. މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކޮށްދިނުމުންވެސް އެމައްސަމަ ސުޕްރީމް ކޯޓަށް ހުށަނޭޅީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވައި ރިފްއަތުވަނީ އެ މައްސަލަ އިތުރަށް ރިވިއު ނުކުރީ ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ އަދަދަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެފަ އެވެ.