Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ބެންޗު މައްސަލާގައި ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއްނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ ބެންޗުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލަ ބަލާ ގާޒީގެ މައްސަލައެއް އޮތް ކަމަށްވާނަމަ އެ މައްސަލައެއް ބަލާނީ އެފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއިން ކަމަށެވެ.

މައްސަލައިގެ ހުކުމަށް އަސަރު ކުރާނެ ވަރުގެ ކަމެއް އޮތް ކަމަށް ބެލެވޭނަމަ ކޯޓުތަކުގެ ގާނޫނުގެ ދަށުން މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަށް ޖަވާބު ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރައީސް ޔާމީން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ބެލެނެވެރިކަމުގެ އިހުތިސޯސުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެ ކޯޓުން ބުނީ އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި އެހެންކަމުން މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ބެންޗު މިހާރު އެކުލަވާލާފައިވަނީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

އެގޮތުން ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައި ކަމަށާއި ނަމަވެސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލަފުޅަށް ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

ޔާމީންގެ މައްސަލަ ބަލަން އެކުލަވާލި ފަސް ފަނޑިޔާރުންގެ ބެންޗުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލައިގެ ހުކުމް ކުރުން މިއަދު މެންދުރު 1:30 އަށް ވަނީ ތާވަލު ކޮށްފައެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި މީގެ ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވަން މީގެކުރިން ތާވަލު ކުރި ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. އެއާއެކު އެ ދުވަހު ބާއްވަން ހަމަޖެއްސި ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފައެވެ.

އެއަށްފަހު ޔާމީންގެ ފަރާތްޕުޅުން ވެސް އެދިވަޑައިގެންނެވި ގޮތަށް ވަނީ މި މައްސަލަ ބެއްލެވުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދު ހުސެއިން، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.