ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެނގިގެން ދިޔައީ ޖުޑީޝަރީ ސަރުކާރުން ހައިޖެކް ކޮށްފައިވާ މިންވަރު ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމުން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ޑިކޮމްރަސީއަށް ރާއްޖެ ކުރާ ދަތުރުގައި ފަހަތަށް ފިޔަވަޅެއް އެޅިގެންދިޔަ ދުވަހެއް ކަމަށެވެ. ސަރުކާރުން އިސްލާހު ކުރުމުގެ ނަމުގައި ޖުޑީޝަރީ ހައިޖެކް ކޮށްފައިވާކަން މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށާއި އެހެންނަމަވެސް ގައުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ހަރުދަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޮޕޮޒިޝަން ލީޑަރަކީ ރައީސް ޔާމީން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކުރިއިރު ޖޫރިމަނާ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ހުކުމްކުރިއެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރީ މަނީ ލޯންޑަރިންއާ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ ދަށުންނެވެ.
މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53ވަނަ މާއްދާގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ އަމަލަކީ ކުށެއް ކަމަށެވެ. އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއްލައްކަ ރުފިޔާއާ އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ އަދަދަކުން ޖަލަށްލުމުގެ، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނައަކުން އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.