މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެވުނު ހުކުމް ކުރެއްވި ފަސް ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
ހުކުމް އިއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވަންދެން އެ ފަރާތްތަކުން މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އެހެން ފަރާތަކުން އެ ޕާޓީއަށް ވެރިވެގަތުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ހުކުމް އިއްވެވި ފަސް ފަނޑިޔާރުންގެ އިތުރުން މިސަރުކާރުގެ އިސްވެރިންނާ ހަމައަށް ގާނޫނު އަރައި ހަމަ ކުރާނެ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ އެ ފަރާތްތަކަގެ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފަ އެވެ.