Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް، ފަނޑިޔާރު ކަމަށް ސުއޫދު އާއި ރައޫފްގެ ނަން ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާ ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިން ބޭފުޅެއްގެ ނަން ފޮނުއްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަޙްމަދު މުއުތަސިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ހުސްނުއް ސުއޫދާއި މ.ވޭސައިޑް، އަބްދުއްރައޫފް އިބްރާހީމް އައްޔަންކުރުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

މުއުތަސިމް އަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެވެ. ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަށް ގެނައި ބަދަލާއި އެކުގައި މުއުތަސިމްއާ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުގެ މަގާމު ގެއްލިގެން ދިޔައެވެ. މުއުތަސިމް އަކީ ގިނަބައެއްގެ އިހުތިރާމް ހޯދާފައިވާ ބޭފުޅެކެވެ. އެގޮތުން ތަފާތު އެކި ފަހަރު މަތިން ސުޕްރީމް ކޯޓުގައި މީގެކުރިން ހިނގާދިޔަ ޝަރީއަތްތަކުގައި ވެސް މުއުތަސިމް ފާހަގަވެފައިވަނީ އަދުލުވެރިކަމާއި އެކު ވަކި ފަރާތަކަށް ޖެހިވަޑައިނުގަތް ހުކުމް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ހުސްނުސުއޫދަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ވެސް ރައީސެވެ. އޭނާއަކީ ކުރީގެ ބަންޑާރަ ނާއިބުގެ މަގާމުވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. ދެން ހުންނެވި އަބްދުއްރައޫފަކީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުން ތިން ފަނޑިޔާރެއްގެ މަގާމު ހުސްވެފައި މިވަނީ އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރެއްވުމާއި ފަނޑިޔާރު އަބްދުﷲ އަރީފު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.