އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ދިވެހި އެންމެހާ ރައްޔިތުންނާއި ތުއްތުކުދިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަން ޔަގީން ކަމަށެވެ.
އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، ދިވެހިންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި އަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީވެސް، ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ އަގީދާކަމާމެދަކު ޝައްކެއްނެތެވެ. އަދި ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ގަދަރުކުރެވޭ އަދި އެންމެ އިހުތިރާމްކުރެވޭ އެއްޗަކީވެސް އިސްލާމީ އަގީދާއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހެއެވެ. ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަހުލާގުން އިސްލާމީ އަގީދާ ހާމަކޮށްދިނުމަކީ، މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަންތަކެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އައުކުރާއިރު، އެމަތިވެރި ނަސީބު ދިވެހިންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާމެދު ވިސްނަންޖެހޭ ކަމަށެވެ. ދީނީ އަގީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން އަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަންވެސް، ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ހިތާބުގައި ރައީސް ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.