ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ތަންފީޒުކުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.
ރައީސް ޔާމީންގެ ހުކުމް ތަންފީޒުކުރާނީ ކޮން ޖަލެއްގައި ކަނޑައެޅުމަށް މެޑިކަލް ޓެސްޓުތަކެއް ހަދަން އައިޖީއެމްއެޗަށް މިއަދު ހެނދުނު ގެންދިޔައިރު މިހާރު ޓެސްޓުތައް ހެދުމަށް ފަހު ކަރެކްޝަނުން ވަނީ ރައީސް ޔާމީން އަނބުރާ ގެންގޮސްފައެވެ. މިވަގުތު ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަސް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެ މެންދުރު ފަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކުރިއިރު ޖޫރިމަނާ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ހުކުމްކުރިއެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރީ މަނީ ލޯންޑަރިންއާ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ ދަށުންނެވެ.
މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53ވަނަ މާއްދާގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ އަމަލަކީ ކުށެއް ކަމަށެވެ. އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއްލައްކަ ރުފިޔާއާ އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ އަދަދަކުން ޖަލަށްލުމުގެ، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނައަކުން އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.