Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ސީލައިފް މައްސަލާގައި ގެއްލުންވި މީހުންނަށް ފައިސާ ދޫކުރަން ފަށައިފި

ސީލައިފް މައްސަލާގައި ބަޔަކު މީހުން އިހުތުޖާޖު ކުރަނީ --

ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި ފަރާތް ތަކަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިސާ ދޫކުރަން ފަށައިފިއެވެ.

ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 އަށްވުރެ ގިނަ މީހުން، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފައެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެއެވެ.

މި މައްސަލަ ކުރިއަށް ދަނިކޮށް، ސީލައިފްއެކު މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދައްކަން ނިންމިއެވެ.

ސަރުކާރުން ކޯޓުން ބޭރުގައި ސީ ލައިފާއެކު އެއްބަސްވުމަކަށް ދާން ނިންމީ ފްލެޓަށް ފައިސާ ދެއްކި މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ މީހުންނަށް ބަދަލު ދެނީ ސީލައިފުން އެޗްޑީސީގައި ބަހައްޓާފައިވާ ޕާފޯމަންސް ގެރެންޓީ ފައިސާއިން ކަމަށްވެސް ސަރުކާރުން ބުންޏެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.

މި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އައްމަޓީގެ އެއްވެސް ހަބަރެއްނުވެއެވެ.