Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ހަރުކަށި އަމަލުތައް ހުއްޓުވަން އެންމެންގެ އެހީ ބޭނުންވޭ: އިމްރާން

ހަރުކަށި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުންވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސް ބަސް ރައްދުކޮށް، ފުރައްސާރަކޮށް މަލާމާތް ރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް މަދުން ނަމަވެސް ހިންގުން ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދުމަށް ދީނާ ޤައުމުދެކެ ލޯބިވާ ހުރިހާ ޢިލްމްވެރިންނާއި ރައްޔިތުން ސަރުކާރަށް އެހީތެރިވުމަށް މިރޭ އަޅުގަނޑު އިލްތިމާސްކުރަން،" އިމްރާން ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހި ޤައުމު ނަގަހައްޓާ، ރައްޔިތުންގެ ސުލުޙަ މަސްލަހަތު ޤާއިމްކޮށް، ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓާ ރައްޔިތުންގެ ވަހުދަތު ޤާއިމްކުރެވޭނީ ޤައުމުގެ ހުރިހާ އަފްރާދުން އެއަޞާސްތަކެއްގެ މައްޗަށް އެއްބައިވަންތަ ކުރުވާ ޒިކުރާތައްއަބަދުމެ ހަނދާން އާކޮށް ދިރުވާ އާލާކޮށްގެން ކަމަށެވެ.

ދިވެހިންނަކީ ކިޔަމަންތެރި ސުލުހަވެރި، އެންމެން އެކުގައި އުޅެން ބޭނުންވާ އެއްބައިވަންތަ ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހައްޤުގޮތް ސާފްވެ ބަޔާންވުމުން އެގޮތް ޤަބޫލުކުރުމުގައި ފަސްޖެހުމެއްނެތި ވަގުތުން އަމަލުކުރުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިގަ އަށަގެންފައިވާކަންވެސް މިނިސްޓަރު އިމްރާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވެގެންދިޔަގޮތުގެ ޙާދިސާއަކީ އެހާދިސާއިން ގިނަގުނަ ޢިބްރަތްތަކަކާ ފިލާވަޅުތަކެއް ހާޞިލްކުރެވޭނެ ހާދިސާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ މުޙިއްމު އެއްފިލާވަޅަކީ ދީނަށް ގޮވާލުމުގައި ނުވަތަ ދަޢުވަތު ދިނުމުގައި ހާލަތަށް ރިޢާޔަތްކޮށް ހިކުމަތާއި، ބުއްދި އިސްކޮށް، ޤަބޫލުކުރަން ފަސޭހަވާނެ ބީދައިން ދަޢުވަތު ދިނުންކަމަށެވެ.

ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މާތްވެގެންވާ އިސްމާލްދީން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށެވެ. އެކަމަަށްހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދުމަކީ ސަރުކާރާއި، ޢިލްމްވެރީންގެ ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.