Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޔާމީނާއި ބައްދަލުކުރުމަށް އެޗްއާރްސީއެމުން މާލޭ ޖަލަށް

ރައީސް ޔާމީން -- ފޮޓޯ / އަވަސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމައި ބައްދަލުކުރެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޓީމެއް މާލެ ޖަލަށް ވަޑައިގަތް ރައީސް ޔާމީނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޔާމީނާ ބަދަލު ކުރެއްވުމަށް އެޗްއާރުސީއެމްގެ ތިން ބޭފުޅަކު މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސުން ދީފައިވާ ކަމަށެވެ.

މުނާޒު މީގެކުރިން ކޮށްފައިވާ އިތުރު ޓްވީޓެއްގައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މެޑިކަލް އެސެސްމެންޓް އަދި އެހެނިގެން އިޖުރާއަތްތައް ފުރިހަމަކޮށް ނިމިފައިވާތީ، މިއަދުގެ ވަގުތެއްގައި ޔާމީން މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ އެ ޖަލަށް ޒިޔާރަތް ކުރެއްވުމަށްފަހު ވަނީ އެ ޖަލުގެ ހާލަތު ވަރަށް ދަށް ކަމަށާއި އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި މި އިލްތިމާސް ހޯމް މިނިސްޓަރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާނެ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ