މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާއި ބައްދަލުކުރެއްވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
ޑީއާރްޕީގެ ރެޖިސްޓްރާ އަބްދުﷲ ރިފާއު މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ޖަލުގައި މިހާރު ހުންނެވި އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމުގެ ހުއްދައަކަށް އެދި މާދަމާ ހޯމް މިނިސްޓްރީއަށް އަބްދުﷲ ޖާބިރު ސިޓީއެއް ފޮނުވާނެ ކަމަށެވެ. ޖާބިރު ޔާމީނާއި ބައްދަލުކުރެއްވުމަށް ޖަލަށް ދަނީ ޔާމީނުގެ ހާލު ބައްލަވާލެއްވުމަށް ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.
ޖާބިރު ޔާމީނާ ބައްދަލުކުރެއްވުމަށް ޖަލަށް ދިއުމުގެ ހުއްދައަކަށް މާދަމާ ޖާބިރު އެދޭއިރު ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ވަނީ އެތައް ފަހަރަކު ޔާމީނަކީ ޖަލަށް ލާންޖެހޭ މީހެއް ކަމާއި ޔާމީނު ޖަލަށް ލުމަކީ ދިވެހި ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އަދި އޭނާވެސް ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ޔާމީންގެ އެކައުންޓަށް ވަދެފައިވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަދައްކަވާފައެވެ.
ޔާމީން ހައްޔަރުނުކޮށްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހަދާފައިވާ ޑީލެއްގެ ދަށުން ކަމަށާއި ޔާމީން ޖަލުގައި ހުންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށްވެސް ޖާބިރު ވަނީ މަޖިލިސް ޖަލްސާގައި ވިދާޅުވެފައެވެ.
"ކީއްވެގެންތޯ އޭނާ ޖަލުގައި ނީއްނަަންވީ. ކީއްވެގެންތޯ އަޅުގަނޑުމެން ޖަލަށްލީއިރު ކޮބައިތޯ އިންޓެގްރިޓީއާއި ހިއުމަންރައިޓްސް ކޮބައިތޯ. މިއަދު އޭނާ ލާންވީމަ ހުރިހާ ބްރޯޑްކާސްޓިންގް އެއް ބަދަލުވެގެން މިދަނީ. އޭނާ ޖަލަށް ލެވޭނެ ގޮތެއްވެސް ނެތް" މި މަހުގެ 18ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޔާމީން ޖަލު ގޮޅިގައި އޮންނަތަން ބަލަން ބޭނުންވާ ކަމަށާއި އަދި ޔާމީންއާ އެތަނުން ބައްދަލުކުރަން ވެސް ބޭނުންވާ ކަމަށެވެ.
"އޭނާގެ އަތުގައި ހުރި މުދާ ނަގަން އަޅުގަނޑު ބޭނުން. އެކަން މި މަޖިލީހުން ނުކުރާހާ ހިނދަކު ކޮބައިތޯ މަޖިލީހުގެ ބޭނުމަކީ" ޖާބިރު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ޔާމީން މިހާރު ހުންނެވީ މާފުށި ޖަލުގައެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ މާފުށި ޖަލު ކޮން ގޮޅިއެއްގައި ކަމެއް އެނގިފައި ނުވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.