Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އުތުރުގެ ހަތަރު ރަށެއްގައި އިންޖީނުގެ އެޅުމަށް ބިންގާ އަޅައިފި

ށ. ނަރުދޫ އިންޖީނުގޭގެ ބިންގާ ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހްމަދު މުހައްމަދު ސައީދު (ކ) އާއި އިތުރު ފަރާތަކުން އަޅުއްވައި ދެނީ --- ފޮޓޯ: ފެނަކަ

ރާއްޖޭގެ އުތުރުގެ ހަތަރު ރަށެއްގައި އިންޖީނުގެ އެޅުމަށްޓަކައި ބިންގާ އަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެ އިންޖީނުގެތައް އެޅުމަށް ބިންގާ އަޅާފައިވަނީ ހއ. އުލިގަމްއާއި ހދ. ފިނޭގެ އިތުރުން ށ. ނަރުދޫއާއި ށ. ފޯކައިދޫގައެވެ.

މި ރަށްތަކުގެ ތެރެއިން ހދ. ފިނޭގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ މަސައްކަތް އެ ކުންފުންޏަށް ހަވާލުކުރީ 5.24 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ މާޗް 19 ވަނަ ދުވަހުގެ ކުރިންނެވެ.

އުލިގަމް އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަސައްކަތް ނިންމަން ޖެހެނީ އަންނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ނަރުދޫ އިންޖީނުގެ އެޅުމަށް 5.11 މިލިއަން ރުފިޔާއަށް ހަވާލު ކުރީ ސީސައިޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ނިންމުމަށް އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ފޯކައިދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަންއާ އެވެ. އަންނަ އަހަރުގެ އޭޕްރީލް 19 ވަަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ 5.66 މިލިއަން ރުފިޔާއަށެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތައް މީިހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނާއި އަދި އިންޖީނުގެތައް ނެތް ރަށްރަށުގައި އިންޖީނުގެތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.