Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އަދުރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި

އަދުރޭ -- ފޮޓޯ / ސަން

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އަދުރޭ ފުލުހަށް ހާޒިރު ކުރައްވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވާ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަހުން މުހާތަބު ކުރި މައްސަލައަކާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް "އައްޑޫލައިވް"އިން އަދުރޭ އަށް ގުޅާލީމެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް މިކަމުގައި ނޭނގެއެވެ.

އަދުރޭގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ފަސް ފަނޑިޔާރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސް ބޭނުން ކުރުމުގެ އިތުރުން އަދުރޭ ވަނީ އިދިކޮޅު ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ވެސް ޖަލަށްލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އަދުރޭގެ މި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ ފަނޑިޔާރުންނަށް ބިރު ދައްކައި ނުހެދުމަށާއި، ހަމަޖެހިފައިވާ ޤާނޫނީ އިމުން ބޭރުން ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ނުހެދުމަށް އިލްތިމާސްކޮށްފައެވެ.