މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން އިދިކޮޅު ކޯލިޝަނުގެ އިސް ފަރާތްތަކެއް މިރޭ ހައްޔަރުކޮށްފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި ކައުންސިލް މެންބަރު އަބްދުﷲ މުހައްމަދު (ބޯފަން އަބްދުﷲ)ގެ އިތުރުން ކައުންސިލް މެންބަރު އިބްރާހީމް ފައިސަލް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ރޭވެސް އިދިކޮޅު ފަރާތްތަކުން މާލެ ޖަލު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ބައެއް ފަރާތްތަކުން ހައްޔަރުކުރިއެވެ. އެހެންނަމަވެސް މިއަދު އެމީހުން މިއަދު ވަނީ ދޫކޮށްލާފައެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ދޫކޮށް ނުލަނީސް މުޒާހަރާތައް ކުރުން ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ ވަނީ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.