ސަރުކާރުން ދައްކާ ބިރަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަހަތަށް ނުޖެހޭނެ ކަމަށާއި ސާބިތު ކަމާއި އެކުގައި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަލާމަތް ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ މިރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން އިދިކޮޅުގެ އިސް ފަރާތްތަކެއް ހައްޔަރު ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭ ހައްޔަރުކުރި ހުރިހާ ފަރާތްތަކެއް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ނޫސްބަޔާނުގައި ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތްވާ ގޮތުގެމަތިން ރައީސް ޔާމީން ދޫކޮށްލަން ދެން އަދި އެމަނިކުފާނަށް އިންސާފު ލިބެންދެން އެކޯލިޝަންގެ އިހުތިޖާޖު ކުރިއަށްގެންދާނެ ކަމަށެވެ.
"މި އަނިޔާވެރި ސަރުކާރުން ދައްކާ އެއްވެސް ބިރަކަށް ފަސްޖެހުމެއްނެތި، ސާބިތު ކަމާއެކު ރައީސްޔާމީން ސަލާމަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަޤީންކަން މިކޯލިޝަންގެ ސަޕޯޓަރުންނަށް އަރުވަމެވެ،" ނޫސްބަޔާނުގައިވެއެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ލަތީފާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި، ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަބްދުﷲ މުހައްމަދުވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަހުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.