Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ކެޓްރީނާ "ގްރޭޓް އެކްސްޕެކްޓޭޝަން" އަށް

ޗާލްސް ޑިކެންސްގެ ކުލަސިކް ވާހަކަ "ދަ ގްރޭޓް އެކްސްޕެކްޓޭޝަން" އަށް ބިނާކޮށް އަބިޝެކް ކަޕޫރު ޑައިރެކްޓް ކުރާ ފިލްމަށް ކެޓްރީނާ ކެއިފް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ހަބަރު ފެތުރުފައި މި ވަނީ އެ ފިލްމްގެ ބަތަލު ސުޝާންތު ސިންގް ފަދަ އާ ތަރިއަކާ އެކު ކެޓްރީނާ މަސައްކަތް ކުރަން ޝައުގުވެރި ނުވާ ކަމަށް ވެސް އަޑު ފެތުރިފައި ވަނިކޮށެވެ.

އެކަމަކު ކެޓްރީނާ އެ ފިލްމަށް ސޮއި ކުރިކަން ޑައިރެކްޓަރު އަބިޝެކް ވެސް އަދި ކެޓްރީނާ ވެސް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ކެޓްރީނާ މިހާތަނަށް މަސައްކަތްކޮށްފައި ވަނީ ބޮލީވުޑްގެ އޭ ލިސްޓް ތަރިންނާ އެކުގަ އެވެ. އޭގެ ތެރޭގައި ސަލްމާން ހާން، ސައިފް އަލީ ހާން، ޝާހްރުކް ހާން، ރަންބީރު ކަޕޫރު، އަކްޝޭ ކުމާރު އަދި އިމްރާން ހާން ހިމެނެ އެވެ.

އޭނާ މިހާރު ކުޅެމުން އަންނަ "ދޫމް 3" ގައި ކެޓްރީނާ ފެނިގެން ދާނީ އާމިރް ހާނާ އެކުގަ އެވެ.

"ރޮކް އޯން" އާއި "ކައި ޕޯ ޗޭ" ޑައިރެކްޓަރު އަބިޝެކް "ގްރޭޓް އެކްސްޕެކްޓޭޝަން" އަށް ބިނާކޮށް ހަދާ ފިލްމް ޕްރޮޑިއުސް ކުރަނީ އެކްތަ ކަޕޫރެވެ.

މި ފިލްމްގެ ޝޫޓިން އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ.