Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އެލްޖީއޭގެ ބޯޑު މެންބަރުންގެ އަދަދު 9އަކަށް އިތުރުކުރަނީ

އެލްޖީއޭގެ ބޯޑު މެންބަރުން މަޖިލިސް ކޮމެޓީއެއްގައި -- ފޮޓޯ / މަޖިލިސް

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކްލަ ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު ނުވަ މެންބަރުނަށް އިތުރު ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން އިސްލާހު ގެނެސްފިއެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާދާރީވުމަށްޓަކައި ރައީސް އައްޔަން ކުރާ މިނިސްޓަރާއި، ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާކާރު އަންހެން މެމްބަރަކާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މެމްބަރެއް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި އެކު ޖުމްލަ ފަސް މެންބަރުންނެވެ.

ކޮމެޓީން ވަނީ މި ފަސް މެންބަރުންގެ އިތުރުން، އިތުރު ހަތަރު މެންބަރަކު ބޯޑަށް ލުމަށް ނިންމާފައެވެ. އެލްޖީއޭގެ ބޯޑަށް އިތުރުކުރަން ނިންމި ހަތަރު މެންބަރުންނަކީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެކެވެ. އަދި ރަށު ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއްއްގެ އިތުރުން އިތުރުން މާލީ ކަންކަމާ ގުޅޭ ވުޒާރާއިން ކަނޑައަޅާ އެ ވުޒާރާގެ މުވައްޒަފެއްވެސް އެލްޖީއޭގެ ބޯޑަށް ލުމަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުމަށް ހުށަހެޅި އިސްލާހުތަކެކެވެ. އެގޮތުން އެ އިސްލާހުގައި ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭ ގޮތަށް ވެސް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މީގެއިތުރުން ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުމާއި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރެވޭ ގޮތަށް ވެސް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި ބިލަށް ގެންނަ އިތުރު އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން ހިމެނެއެެވެ.

ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.