Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އާބާދީގައި 60،000 މީހުން ތިބޭ ސިޓީތަކަށް 19 ކައުންސިލަރުން

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން:

ރާއްޖޭގެ ސިޓީތަކުގައި 60،000އަށްވުރެ ގިނަ އާބާދީއެއް އޮތް ކަމަށްވާނަމަ 19 ކައުންސިލަރުން ތިބެންޖެހޭ ގޮތަށް އިދާރީ ދާއިރާތަށް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފިއެވެ.

ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ތިން ސަރަހައްދަކަށް ދީފައިވެއެވެ. އެއީ މާލެ ސިޓީއާ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއެވެ. ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުންނާއި ދެމެދުގެ އަދަދެއް ކަމުގައި ވާނަމަ މޭޔަރާއި ގާނޫނުން ލާޒިމުކުރާ އަންހެން މެމްބަރުންނާއެކު ހަތް މެމްބަރުން އެ ސިޓީއެއްގެ ކައުންސިލެއްގައި ތިބެންޖެހޭނެ ކަމަށެވެ.

ތިރީސްހާހާއި 60،000 އާއި ދެމެދުގެ އާބާދީއެއް އޮންނަ ކައުންސިލެއް ނަމަ މޭޔަރައި އަންހެން ކައުންސިލަރުންނާއެކު 11 ކައުންސަރުން ތިބެންވާނެކަމަށް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި 60،000 އަށް ވުރެ އާބާދީ ބޮޑުވެއްޖެ ނަމަ 19 ކައުންސިލަރުން ތިބެންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

ލާމަރުކަޒީ ކޮމެޓީން މިގޮތަށް ފާސްކުރުމުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެއެވެ. މީގެއިތުރުން ވެސް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެ އިސްލާހުތައް ކޮމެޓީން ވަނީ ފާސްވެސް ކޮށްފައެވެ. އަދި ހަމައެއާއެކުގައި ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށްވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލު އިންތިހާބުގައި ކައުންސިލަރުން އިންތިހާބު ކުރާނީ ފަސް އަހަރަށެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުމަށް ހުށަހެޅި އިސްލާހުތަކެކެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.