ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މާދަމާ ރާއްޖޭގައި ހަތަރު މަޝްރޫއެއް އިފްތިތާހުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި މަޝްރޫއުތައް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. ރައީސް އޮފީހުން ވިދާޅުވީ މަޝްރޫއުތައް އިފްތިތާހު ކުރުން އޮންނާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އެގޮތުން މާދަމާ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ފާސްޓް އިންޓަސެޕްޓާ އުޅަނދު ހަދިޔާކުރުމާއި އިންޑިއާގެ އެހީގައި މާލެ ސިޓީގައި ލެޑް ލައިޓު ހަރުކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުން އޮންނާނެ ކަމަށް ކަމަށް މައުލޫމަތު ލިބެއެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި އަޅާ މަސް ޕްރޮސެސްކުރާ ތިން ޕްލާންޓު އިފްތިތާހުކުރުމުގެ އިތުރުން އިންޑިއާގެ ޕޭމެންޓް ކާޑެއް ކަމުގައިވާ "ރުޕޭ ކާޑާއި" ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެގޮތުން ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިއިރު ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީވެސް އިންޑިއާކަން ފާހަގަކޮށްލެވެއެވެ. އިންޑިއާގެ އެހީގައި މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައްވެސް އަންނަނީ ހިންގަމުންނެވެ.