Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޑރ. ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޑރ. ޝަހީމް ތިނަދޫގެ ސަޕޯޓަރުންނާއި އެކު، ފޮޓޯ: ޝަހީމް އެފްބީ ޕޭޖް

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔައިރު، އެ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށްބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ޑރ. ޝަހީމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ވަނީ ޑރ. ޝަހީމަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެގޮތުން އެނގި ތިބެ ޑރ އަފްރާޝީމް އަލީގެ މަރު ފޮރުވަން މަސައްކަތް ކުރި މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ޑރ އަފްރާޝީމް އަލީގެ މަރާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން ވަނީ އެކުލަވާލާފައެވެ. އެ ލިސްޓުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް 36 މީހެއްގެ ވާހަކަ ފާހަގަކޮށްފައިވެއެވެ.

ޑރ. ޝަހީމަށް ދައުވާކުރަން މަރު ކޮމިޝަނުން ޕީޖީއަށް މައްސަލަ ފޮނުވާފައިވާއިރު މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ. މި ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅިގެންނެވެ.

އެގޮތުން ސާމިތާއި މަޒީދަކީ މި ތިން ފަރާތް މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ރިޔާސީ ކޮމިޝަނުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ދެ މީހުން ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.