މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައިފި އެވެ.
މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ހެރިޓޭޖް މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެންނެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ސޯލިހެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސްވަނީ މަސައްކަތް ފެށުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. .
ހުކުރު މިސްކިތުގެ މުންނާރަކީ 300 އަހަރު ވާން ގާތް ވެފައިވާ މުންނާރެކެވެ. އެހެންކަމުން އެއިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އަދި އެއީ ސަގާފީ ތަރިކަ ރައްކާތެރިކޮށްދޭ ގައުމީ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ހިލާފު ކަމެކެވެ. ހުކުރު މިސްކިތުގެ މުންނާރުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ބައެއް ފަރާތްތަކުން ވަނީ އެކަމުގައި ސަރުކާރަށް ފާޑުކިޔާފަ އެވެ. އެކަމާ ގުޅިގެން ގައުމީ މަރުކަޒުން ބުނީ އެ މަސައްކަތް ނުފެށި ލަސްވެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތެ ކުރިއަށް ގެންދާނެކަމަށް މަރުކަޒުންވަނީ ބުނެފަ އެވެ.