Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

މާލޭގައި ސިފައިންގެ ތަމްރީންތަކެއްގައި މިއަދު ބަޑި ޖަހަނީ

ސިފައިންގެ މަރުކަޒު ކަޅުތުއްކަލާ ކޮށީގައި މިއަދު އޮންނަ ސިފައިންގެ ތަމްރީންތަކެއްގައި ބަޑި ޖަހާނެ ކަމަށް، އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ އެ ތަމްރީންތައް ކުރިއަށްދާނީ މިއަދު ހަވީރު 4 އިން 5 އަށް ކަމަށެވެ. ބަޑިއާއެކު ހިންގާ ސިފައިންގެ ތަމްރީންތައް އާންމުކޮށް އޮންނަނީ ގިރިފުއްޓާއި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ މާފިލާފުށީގަ އެވެ. ނަމަވެސް 1990ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅު، ބައެއް ތަމްރީންތައް މާލޭގައި ކުރިއަށް ގެންދިޔައީ ބަޑި ޖަހަމުން، ބައެއް ސަރަހައްދުތައް ބަންދު ވެސް ކުރަމުންނެވެ.

ގިރިފުށީގައި ކުރިއަށް ގެންދިޔަ ތަމްރީނެއްގައި ޖެހި ވަޒަނެއް ވަނީ އެ ރަށު ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް އަރައިފަ އެވެ. އެ ހާދިސާއާ ގުޅިގެން ގިރިފުށީގައި ވަޒަން ބޭނުންކުރުންވަނީ މެދުކަނޑާލާފަ އެވެ. ގިރިފުށީގައި ބާއްވާ ތަމްރީންތައް ކުރިއަށްދާ އިރު އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އެނގޭ ގޮތަށް ރަތް ދިދައެއް ނަގައެވެ. އަދި ގިރިފުށީގެ ވަކި ހިސާބެއްގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމަކީ ވެސް މަނާ ކަމެކެވެ.