ސަރުކާރު ހިންގާ ކޯލިޝަންގައި ޑީއާރުޕީ ހިމެނުމާމެދު މައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާކުރެއްވި ކަމަށް އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެކަމަށް މަޝްވަރާ ކުރެއްވި ނަމަވެސް އަދި އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޑީއާރުޕީއަކީ މިހާރު ރާއްޖޭގައި އޮތް ހަމައެކަނި އިދިކޮޅު ޕާޓީކަމަށެވެ. އޭނާ ވިދާޅުވީ ޑީއާރުޕީން ސަރުކާރުގެ ކޯލިޝަނާ ގުޅުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށެވެ.
"އަޅުގަނޑުމެން ކަހަލަ ބޮޑު ޕާޓީއެއްގެ މީހަކު އަތް ދީކޮށްލީމާ ރައީސް [ނަޝީދު] ނޫނެކޭ ވިދާޅެއްނުވާނެތާ. މައުމޫނާވެސް ކޯލިޝަން ހެދީނުންތޯ. ގާސިމާއެކުވެސް ހެދީ ނޫންތޯ. ކީއްވެތޯ އަޅުގަނޑާ ކޯލިޝަން ނަހަދަންވީ؟ އަޅުގަނޑު ހަޑީތޯ؟ ބައްލަވާ އަޅުގަނޑު ލާފަ ހުރި އެއްޗެހި،" ޖާބިރު ވިދާޅުވި އެވެ.
އިންކަމް ޓެކްސް ނެގުމާއި ގުޅޭ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވާ ޖާބިރު ވިދާޅުވީ އޭނާ އިންކަމް ޓެކްސް ބިލަށް ނަފްރަތު ކުރާ ކަމަށެވެ. ޖާބިރު ވިދާޅުވީ އިންކަމް ޓެކްސް ދޭން ދިވެހި ރައްޔިތުން ތައްޔާރު ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ "ވާނުވާ ނޭނގޭ" ނިޒާމެއްގެ ތެރެއިން ރައްޔިތުން އަތުން ގިނަ ޓެކްސް ނެގުމެވެ.